މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކެއް ބަންދުކުރުމަށާއި، އެހެން ނޫން ނަމަ ހަމަލާތައް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ އިންޒާރު އިރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ހާމަނާއީ ދެއްވައިފިއެވެ.
އިރާނުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި މުޖްތަބާ ވަނީ އެމެރިކާގެ އަސްކަރިއްޔާ އެ ސަރަހައްދުން ފޭބުމަށް ގޮވާލައްވާފައެވެ.
މުޖްތަބާ ވިދާޅުވީ އިރާނުން އަވަށްޓެރި ގައުމުތަކާއެކު އޮންނަ އެކުވެރިކަން ދަމަހައްޓާނެ ކަމަށާއި، ނަމަވެސް އިރާނުގެ ހަމަލާތައް އަމާޒުކުރާނީ ހަމައެކަނި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށެވެ.
މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅި އެގޮތުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށްވެސް މުޖްތަބާ ހާމަކުރެއްވިއެވެ.
”ހަނގުރާމައިގައި ޝަހީދުވި ފަރާތްތަކުގެ ހައްގުގައި އިރާނުން ޖިހާދުކުރުން މަތީ ދެމިތިބޭނެ،“ މުޖްތަބާ ވިދާޅުވިއެވެ.
މުޖްތަބާ ވަނީ އިރާނުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
އުމުރުން 56 އަހަރުގެ މުޖްތަބާ ޚާމަނާއީ އަކީ އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ އިރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންނެވެ. އޭނާ އަކީ އިރާން ސިފައިންގެ އިންގިލާބީ ލަޝްކަރު (އައިއާރުޖީސީ) އާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އިރާނުގެ ސިޔާސީ ނިޒާމު އޮންނަ ގޮތުން ސުޕްރީމް ލީޑަރަކީ އެ ގައުމުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ އިތުރުން، ގައުމުގެ ބޮޑެތި ކަންކަމުގައި ފަހު ބަސް ބުނާ އެންމެ މަތީ ފަރާތެވެ.


