ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފި އެވެ.
މި މަޝްވަރާތައް ކުރިޔަށް ދިޔައީ، އިކޮނޮމިކް މިނިސްޓަރ މިހާރު އިނގިރޭސިވިލާތައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިއްޔެ އިނގިރޭސި ވިލާތުގެ ވިޔަރީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ގްރެގަރީ ވިލިއަމް ހޭންޑްސްއާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެއްވީ، ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ގުޅުން އިތުަރަށް ބަދަހިކުރުމާއި ގުޅޭގޮތުންކަމަށެވެ. އެގޮތުން،ރާއްޖޭގެ މާލީ ޚިދުމަތްތަކުގެ ދާއިރާ ތަރައްގީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯދުމާއި ގޫޅޭގޮތުންނާއި،ދެގައުމުގެ ދެމެދުގައި ސޮއި ކުރުމަށް ރާވާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ މާލީ ބާޒާރަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި ބެހޭ މަޝްވަރާތަކެއް ކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިނގިރޭސިވިލާތައް ކުރައްވާ މިދަތުރުފުޅުގައި،އިނގިރޭސި ވިލާތުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި، ހައުސް އޮފް ލޯޑްސްގެ މެންބަރުންނާއި، އެގައުމުގެ މާލީ ބާޒާރުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި، ޚިދުމަތް ދިނުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިނިސްޓްރީން ބުނީ މި ބައްދަލުވުންތަކުގައި، ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ކުރިއެރުވުމަށް، އިނގިރޭސި ވިލާތުގެ މާލީ ބާޒާރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންަނަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށްޓަކައި މަޝްވަރާކުރައްވާނެކަމަށެވެ. އެގޮތުން، ރާއްޖޭގައި އަލަށް ގާއިމުކުރާ ޑެވެލޮޕްމެންޓް ބޭންކާއި، އިންޓަނޭޝަނަލް ފައިނޭންޝަލް ސަރިވިސަސް އޮތޯރިޓީ ތަރައްގީކޮށް ހިންގުމާއި ބެހޭގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމާއި، މާލީ އިދާރާތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ޒަމާނާއި އެއްގޮތަށް ފެތޭގޮތަށް ފަރުމާކުރުމާއި، މާލީ އިދާރާތަކުގެ އިންފްރާ ސްޓްރަކްޗަރ ރޭވުމާއި،ކަމާއި ގުޅުންހުރި ސްޓެރެޓެޖީތައް އެކުލަވާލުމާއި،އިދާރާތައް ހިންގުމުގެ އޮނިގަނޑު އެކުލަވާލުމަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.




