ފެބްރުއަރީ މަހުގެ ތެރޭގައި އަރިދަފުސް ރޯގާ ޖެހިގެން 23،000 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެއީ މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު ދަށް އަދަދެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހު 23،573 މީހަކު ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާއިރު، ޖެނުއަރީ މަހު 35,693 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ.
މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ޖެހިގެން މިދިޔަ މަހު ރިޕޯޓްކޮށްފައިވަނީ 412 މީހުންނެވެ. ޖެނުއަރީ މަހު 668 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު، ފެބްރުއަރީ މަހު މި އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ.
އިންފްލުއެންޒާގެ ހާލަތަށް ބަލާއިރު، ފެބްރުއަރީ މަހު މި ބައްޔަށް ފައްސިވެފައިވަނީ އެންމެ އަށް މީހުންނެވެ. މިއީ ޖެނުއަރީ މަހު ފައްސިވި 99 މީހުންނާ އަޅާބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 920 މީހަކު އިންފްލުއެންޒާއަށް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން ބައްޔަށް ފައްސިވެފައިވަނީ 107 މީހުންނެވެ.
ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަމަށް ބަލާއިރު ވެސް ފެބްރުއަރީ މަހު ވަނީ ކުރިއަށްވުރެ ކޭސްތައް މަދުވެފައެވެ. އެގޮތުން ޖެނުއަރީ މަހު 8,429 މީހަކު މި ބަލީގައި ޑޮކްޓަރަށް ދައްކާފައިވާއިރު، ފެބްރުއަރީ މަހު އެ އަދަދު ވަނީ 7,196 އަށް ތިރިވެފައެވެ.



