ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މިއަދު މާލޭގައި ޚާއްޞަ ސައިކަލު ބުރެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން އިންތިޒާމުކުރި ހަރަކާތެކެވެ.
މާފަންނު މެރީބްރައުން ސަރަހައްދުން ފެށި މި ސައިކަލު ބުރުގައި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވިއެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ބޭއްވި މި ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ސަރަހައްދަށެވެ.
މި ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ސަޕޯޓަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތައް ބާކީކޮށް، އެ ތަންތަނުގެ ބާރު ކަނޑުވާލުމަށްފަހު ސަރުކާރުން ކަންކަން ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލް ގޮނޑިތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ސައިކަލު ބުރުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، މިނިސްޓަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.



