މެދުއިރުމަތީގެ 5 ގައުމެއްގައި މިހާރުވެސް ރާއްޖޭގެ 75 ދަރިވަރުން ތައުލީމު ހާސިލުކުރަމުން ގެންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވީ، އެ 75 ކުދިންގެ ތެރެއިން އެންމެ ގިނަ ކުދިން ތައުލީމު ހާސިލުކުރަމުން ދަނީ މިސްރުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން މިނިސްޓްރީން ނެރެފައިވާ އެޑްވައިޒަރީތައް އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް ފޮނުވަމުން އަންނަ ކަމަށެވެ. އަދި އެ ކުދިންނާ އެންމެ ކައިރީގައި ހުރި ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީވާން އެދިފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދަރިވަރުންގެ ހާލަތު ބެލުމަށާއި މުއާމަލާތް ކުރުމަށްޓަކައި މިނިސްޓްރީން މިހާރު ވަނީ ހެލްޕް ލައިނެއް ޤާއިމްކޮށްފައި ކަމަށް މިނިސްޓަރު ބުންޏެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ޖޫރިމަނާއަކާ ނުލައި އަލުން ކިޔެވުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބައެއް ޔުނިވަރސިޓީތަކުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަން ބޭނުންވާ ދަރިވަރުންނަށް އެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރުޖ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ގައުމުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން:
- މިސްރު: 40 ދަރިވަރުން
- ޔޫއޭއީ: 21 ދަރިވަރުން
- ތުރުކީ: 10 ދަރިވަރުން
- ސަޢުދީ އަރަބިއްޔާ: 2 ދަރިވަރުން
- މިސްރުގައި އަމިއްލަ ގޮތުން ކިޔަވާ 2 ދަރިވަރުން
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނޭ ދަތިތަކާއި ކަންކަން ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނުވަ ވަޒީރުންގެ މައްޗަށް އެކުލަވާލެއްވި ޚާއްޞަ ކޮމިޓީއެއް 28 ފެބުރުވަރީ 2026 ގައި އުފައްދަވާފައެވެ.
މި ކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ހާލަތު މޮނިޓަރކޮށް، ގުޅިގެން އަވަސް ފިޔަވަޅުތައް އެޅުމެވެ.




