މަސްތުވާތަކެތީގެ މައްސަލައެެއްގައި ފުލުހުން ހައްޔަރު ކުރި ފަސް މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެދީފި އެވެ.
މި ފަސްމީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް މިމަހުގެ 14 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފަސް ފިރިހެނުންކަމަށެވެ. އަދި، ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެދީފައިވާކަމަށްވެސް ފުލުުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




