ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގައި މިހާރު އޮތް ނިޒާމަށްވުރެ ފައިދާ ހުރި ގޮތަކަށް ވެދާނެތީ، އެކަން ތަޖުރިބާކޮށްލުން މުހިންމު ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ކުރީގެ ބަންޑާރަ ނައިބު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހުސްނުއްސުއޫދު މީގެ ކުރިން ވިދާޅުވެފައިވަނީ، ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ހުއްޓައި، ހަމައެކަނި ދެ އިންތިހާބު އެއްކޮށްލަން އުޅުމަކީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި، މިނިވަން މުއައްސަސާތަކަށް އޮންނަ ސިޔާސީ ނުފޫޒު ނައްތާލުމާއި، ސިޔާސީ މަގާމުތައް މަދުކުރުން ފަދަ އިސްލާހުތައް މާ މުހިންމެވެ.
ނަމަވެސް ސުއޫދުގެ ހުއްޖަތްތަކަށް ރައްދު ދެއްވަމުން ދިޔާނާ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރެވޭ ފަދަ ނަތީޖާ ނެރެވޭ މަޖިލީހެއް ލިބިގަތުމަކީ މި ވަގުތު ރާއްޖެއަށް އޮތް އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި ސުއޫދު ފާހަގަކުރެއްވި މުހިންމު ކަންކަން ހާސިލުނުވެ އޮތް އެންމެ ބޮޑު ސަބަބަކީވެސް، ސަރުކާރު ޒިންމާދާރުކުރުވޭނެ ފަދަ މޮޅު މަޖިލީހެއް މިހާތަނަށް ލިބިފައި ނެތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އަމަލުކުރަމުންދާ ”ސްޓެގާޑް“ ނިޒާމަށް ފާޑުވިދާޅުވަމުން ދިޔާނާ ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރުގެ ތަޖުރިބާއަށް ބަލާއިރު މި ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރެވޭނެ އެންމެ މަޖިލީހެއްވެސް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު މި ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
”އެހެންކަމުން ދެން ހުރި އޮޕްޝަންތައް ބެލުން އަޅުގަނޑުމެންގެ މައްޗަށް އެބަ ލާޒިމުވޭ. އެގޮތުން ކޮންކަރަންޓް ނުވަތަ ދެއިންތިހާބު އެއްކޮށް ބޭއްވުން ޓެސްޓުކުރުން މުހިންމު،“ ދިޔާނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެއް ތާރީހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންތިހާބީ އިދާރީ ޚަރަދުތައް ކުޑަވެގެންދާނެ ކަމަށާއި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެ ކަމަށް ދިޔާނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.



