ފުރަ މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކަށް ވަންނަ އުޅަނދުތަކަށް ނަގަމުން އައި ގޭޓް ފީ އުވާލައިފި އެވެ.
ވެމްކޯއިން ކުރިން އެ ސްޓޭޝަންތަކަށް ވަންނަ އުޅަނދުތަކުން ގޭޓް ފީގެ ގޮތުގައި 150 ރުފިޔާ ޗާޖުކުރެއެވެ. ނަމަވެސް މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ގޭޓް ފީ ނެގުން ވެމްކޯއިން ވަނީ ހުއްޓާލާފަ އެވެ.
”ރައީސްގެ ވައުދުފުޅާ އެއްގޮތަށް މިހާރު ނަގަމުން އަންނަ ގޭޓްފީ ވަނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ނެގުން ހުއްޓާލާފައި.“ ވެމްކޯއިން ބުނެފައި ވެއެވެ.
ވެމްކޯއިން ބުނީ، ފުރަމާލެ ސަރަޙައްދުގެ ހުރިހާ ޓްރާންސްފަރ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް (ވެއި ބްރިޖް) ގާއިމުކުރެވެންދެން، މާލެ ޓްރާންސްފާރ ސްޓޭޝަންގައި ބަރުދަން ރިއާޔަތްކޮށް އަގު ނެގުންވެސް ހުއްޓާލާފައިވާކަމަށެވެ.
ވެމްކޯއިން އަގުތަކަށް ގެނައި ބަދަލާއެކު އާންމު ފަރާތްތަކާއި، ކުދި ވިޔަފާރިތަކާއި، ވިޔަފާރި އުސޫލުން ކުނިއުފުލުމުގެ ޙިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޓްރާންސްފާރ ސްޓޭޝަންތަކަށް ގެންދާ ކުނި ޓަނަކަށް ނަގާ ޓިޕިންގް ފީ މިހާރު 500 ރުފިޔާއަށް ކުޑަކޮށްފަ އެވެ. މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ ޓަނަކުން 750 ރުފިޔާ އެވެ.



