ކ. މާފުށީގެ ޞިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އިފްތިތާޙު ކުރުމަށް މިއަދު މާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު އަޙްމަދު ޤާސިމް ވިދާޅުވީ، މާފުށީގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފެށިގެން ދިއުމަކީ އެ ރަށުގެ ޞިއްޙީ ދާއިރާއަށް އިތުރުވެގެން ދިޔަ މުހިންމު ބޮޅެއް ކަމަށެވެ.
”ވަރަށްވެސް ތާރީޚީ ދުވަހެއް މިއަދަކީ. މި ރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ ޚިދުމަތެއް މިއަދު މި އިފްތިތާޙު ކުރެވިގެންދަނީ. އަދި ކުރިއަށް އޮތްތާގައިވެސް މިފަދަ އުފާވެރި ޚަބަރުތައް މިރަށަށް ޞިއްޙީ ދާއިރާއިން ލިބެމުންދާނެ،“ ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މާފުށީގައި މި ޚިދުމަތް ފެށުމަކީ އެ ރަށުގެ ރައްޔިތުންނަށާއި އެ ސަރަހައްދުގެ ރަށްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މީގެ ކުރިން މިފަދަ ޚިދުމަތްތައް ހޯދުމަށް މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް މިކަމުގެ ސަބަބުން ނިމުމެއް އަންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މާފުއްޓަކީ ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރިއަށްގެންދާ ރަށަކަށް ވުމާއެކު، ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް މި ޚިދުމަތުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚާއްސަކޮށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި އުޅޭ ފަރާތްތަކަށް ދިމާވާ އަނިޔާތަކަށް އަވަސް ފަރުވާ ލިބުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.




