ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އަމާޒުވުމާ ގުޅިގެން، އެ އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމިރޭޓްސް އެއާލައިނުން ދުބާއީއަށް ކުރާ އަދި އެ ސިޓީން ފުރާ ހުރިހާ ފްލައިޓްތަކެއް މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ދުބާއީ އެއާޕޯޓުން ބުނި ގޮތުގައި މި ފިޔަވަޅަކީ ފަސެންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެކެވެ. މި ހާދިސާގެ ސަބަބުން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް މިހާރު ވަނީ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އަށް ޑައިވާޓް ކުރަން ނިންމާފައެވެ.
ހޯމަ ދުވަހުގެ ފަތިހު އީރާނުން ދިން މި ޑްރޯން ހަމަލާ އަމާޒުވެފައިވަނީ އެއާޕޯޓް ކައިރީގައި ހުންނަ ފިއުލް ޓޭންކަކަށެވެ. މި ހަމަލާއާ އެކު ޓޭންކުގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ދުބާއީގެ މީޑިއާ އޮފީހުން ބުނި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ދުބާއީގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާއާ ގުޅިގެން އިމަޖެންސީ އަދި ސްޕެޝަލައިޒްޑް ރެސްޕޮންސް ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށެވެ. އަދި ސިވިލް ޑިފެންސް ކްރޫއިން އަވަސް ފިޔަވަޅުތަކެއް އަޅައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެމިރޭޓްސް އެއާލައިނުން ވަނީ ދަތުރުވެރިން މިވަގުތު ދުބާއީއަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދަތުރުގެ ޝެޑިއުލްތަކަށް އަންނަ ބަދަލުތަކާއި އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އެއާލައިންތަކާ ގުޅަމުން ގެންދިއުމަށް އެއާޕޯޓް އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.



