އެމެރިކާއާއި އިސްރާއީލު ގުޅިގެން އަނެއްކާވެސް އީރާންގެ ސްކޫލަކަށް ބޮންއަޅައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިފަހަރު ބޮން އެޅީ އީރާނުގެ ކޯމެއިން ސިޓީގައި ހުންނަ ފިރިހެން ކުދިން ކިޔަވާ ޝާހިދް ކޯމެއިން ސްކޫލަށެވެ.
މި ހަމަލާ ދީފައިވަނީ މިއަދުގެ އިރުއެރި ވަގުތުގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހަމަލާގައި އެއްވެސް މީހަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް، ސްކޫލްގެ އިމާރާތް އެއްކޮށް ބިމާހަމަވެފައިވާއިރު، އެ ސަރަހައްދުގެ ކައިރީގައި ހުރި އާންމުންގެ ގެތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އީރާނުން ވެސް ދަނީ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ކުރިމަތިލުންތަކުގައި މިހާތަނަށް އީރާނުން 2,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިސްރާއީލުން 15 މީހަކު މަރުވެފައިވާއިރު، އެމެރިކާގެ 13 ސިފައިން ވެސް ވަނީ މަރުވެފައެވެ.
އަސްކަރީ ކުރިމަތިލުންތަކުގެ ތެރެއިން އީރާނުން ވަނީ އިސްރާއީލަށް ސީދާ ހަމަލާތަކެއް ފޮނުވާލާފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ގައުމުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވެސް އީރާނުން ހަމަލާދީފައިވެއެވެ.
މި ހަމަލާތަކުގައި އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ.




