މެލޭޝިޔާގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތެއް ކަމަށްވާ ”މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ” ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ރާއްޖެއަށް ފުރުޞަތު ލިބިފައިވަނީ ޖުމްލަ ދެ ބައިވެރިންނަށެވެ. އެއީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެކެވެ.
މުބާރާތް ކުރިއަށްދާނީ ދެ ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބަޔާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ބަޔެވެ.
އުމުރުފުރާ ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ހިތުން ކިޔެވުމުގެ ބައިގައި ބައިވެރިވެވޭނީ 13 އަހަރާއި 25 އަހަރާ ދެމެދުގެ ހާފިޒުންނަށެވެ. އަދި މުޖައްވަދު ބައިގައި ބައިވެރިވެވޭނީ 18 އަހަރާއި 50 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މީގެ އިތުރުން ބައިވެރިންނަކީ ދިވެހި ރައްޔިތުން ކަމުގައިވާންޖެހޭނެއެވެ. އަދި މީގެ ކުރިން މި މުބާރާތުން އެއްވަނަ ހޯދާފައިވާ ފަރާތަކަށް ނުވުމާއި، ފާއިތުވި 3 އަހަރު މި މުބާރާތުގައި ކިޔަވާފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 މާރިޗު 2026 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން އެ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހަޅުމަށެވެ.
މުބާރާތަށް މެލޭޝިއާއަށް ގެންދާނީ ކޮލިފައިންގ ބުރުން ހޮވޭ ދެ ބައިވެރިންނެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 4 އިން 10 އަށް މެލޭޝިޔާގެ ވެރިރަށް ކުއަލަލަންޕޫރުގައެވެ. އޮންލައިން ސްކްރީން އޮންނަ ދުވަހާއި ގަޑި މުބާރާތް އިންތިޒާމްކުރާ ފަރާތުން ބައިވެރިންނަށް އަންގާނެއެވެ.
މި މުބާރާތަކީ ރާއްޖެއިން މީގެ ކުރިން ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މުބާރާތެކެވެ. އެގޮތުން 2024 ވަނަ އަހަރު ބޭއްވި 64 ވަނަ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފާތިމަތު ޝާޔާ ޒާހިރު ވަނީ ހިފްޒު ބައިން މުޅި ދުނިޔެއިން 3 ވަނަ ހާސިލުކޮށްފައެވެ.



