ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ އިބްރާހިމް އަބޫބަކުރު، އެ ދާއިރާއަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަށް ތާއީދުކުރަން ނިންމައިފިއެވެ.
އިބްރާހިމް އަބޫބަކުރު މިކަން ހާމަކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނަށް ކޮންގްރެސް ޕާޓީން މިއަދު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދިޔަ ’ދޮރުން ދޮރަށް‘ ހަރަކާތުގެ ތެރެއިންނެވެ.
މި ހަރަކާތުގައި ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިހާރުވެސް މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ވިދާޅުވީ، އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ކުރިން ނިންމެވި ނަމަވެސް، މިހާރު އެ ނިންމެވުން ބަދަލުކުރައްވާފައިވާ ކަމަށެވެ. އަދި ޕާޓީއަށް ގެއްލުމެއް ލިބޭނެ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
އިބްރާހިމްގެ ތާއީދު ލިބުނު މުޙައްމަދު ޢަރީޝްއަކީ މިހާރު މާފަންނު ހުޅަނގު އުތުރު ދާއިރާގެ ކައުންސިލަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުވެސް މެއެވެ.
އިބްރާހިމް އަބޫބަކުރުގެ މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިއީ ޕާޓީއަށްޓަކައި އިބްރާހިމް ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ.



