ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު އަބްދުލް މުޢިއްޒު ހަސަން ނިޔާވެއްޖެއެވެ.
މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ތައުޒިޔާގެ ޕޯސްޓެއް ކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަބްދުލްމުއިއްޒު ހަސަން ނިޔާވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށެވެ.
”މިއީ، އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުންވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މަރްހޫމްގެ އާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްހޫމް އަބްދުލް މުއިއްޒު ހަސަން ލެހެއްޓެވުމަށް ރައީސްގެ ޕޯސްޓުގައި ދުއާ ކުރެއްވި އެވެ.


