ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މިނިވަންކަމާ ގުޅުވައި، ކުންފުންޏާމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން އެދެފިއެވެ.
ޕީއެސްއެމްއިން މިކަމަށް އެދިފައިވަނީ، އިދިކޮޅު އެމްޑީޕީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީއަށް ދިން ޖަވާބުގައެވެ.
އެމްޑީޕީގެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މިވަގުތު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާއްޖޭގައި ނޫޅުއްވާ ކަމަށާއި، އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެމްޑީ ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރެއްވުމަށް އަލުން އެދުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ބުނީ، އެ ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކަކަށްވާތީ، މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްކަންދެނީ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށެވެ.
މިގޮތުން ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުން ބޭނުންކުރަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް ޕްރޮގްރާމަކުން ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުޞަތު ދީފައިނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޕީއެސްއެމްއިން އިތުރަށް ބުނެފައިވަނީ، ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައިވެސް ޕީއެސްއެމް އޮތީ އެގޮތުގައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
ނިންމާލަމުން ޕީއެސްއެމްއިން ވަނީ ކުންފުނީގެ މިނިވަންކަމާ ގުޅުވައިގެން ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް ތަކުރާރުކޮށް އެދިފައެވެ.




