ފިޠުރު ޒަކާތް ނުދައްކާ ނަމަ ރަމަޟާން މަހުގެ އަޖުރާއި ސަވާބު ކުޑަވާނެ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވަމުން އަންނަ ދަރުސް ސިލްސިލާގެ ތެރެއިން ރޭ ބޭއްވި ފަހު އިހްޔާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މައުމޫން ވިދާޅުވީ ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެއް ކަމަށާއި، މިއީ ގިނަ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާ މަހެއް ކަމަށެވެ. އެގޮތުން އެ މަހުގެ ތެރޭގައި އީމާންކަން އިތުރުވެގެން ދިއުމާއި، ކުރާ އަޅުކަންތައް އިތުރުވެގެން ދިއުމުގެ އިތުރުން މާތް ﷲ ދެއްވާ އިތުރު ނިޢުމަތްތައް ފެނިގެންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރޯދައިގެ މަތިވެރި އަޅުކަމަށްފަހު ދެން ކުރިއަށް އޮތީ ފިޠުރު ޢީދު ކަމަށްވާތީ، ޢީދުގެ ކުރިން ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ފިޠުރު ޒަކާތް ދެއްކުން ކަމަށް މައުމޫން ހަނދާންކޮށްދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފިޠުރު ޒަކާތް ދެއްކުމަކީ ކުޑަކުއްޖެއް، ބޮޑު މީހެއް، އަންހެނެއް ނުވަތަ ފިރިހެނެއް ތަފާތުކުރުމެއް ނެތި ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް ކަމަށެވެ.
ޒަކާތް ވާޖިބުވާ މީހުންގެ ތަފްސީލު ދެއްވަމުން މައުމޫން ވިދާޅުވީ، ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށް ވެސް ފިޠުރު ޒަކާތް ވާޖިބުވާ ކަމަށެވެ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރުމާއެކު، ޝައްވާލު މަހުން ބައެއްގައި ވެސް ދުނިޔޭގައި ހުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަތުމަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ދައްކައިފި ނަމަ އެ ވާނީ ޒަކާތަކަށް ކަމަށާއި، ނަމަވެސް ޢީދު ނަމާދަށް ފަހު ދައްކާ ފައިސާ ވާނީ އާދައިގެ ސަދަޤާތަކަށް ކަމަށެވެ.
އެހެންކަމުން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި، އެމީހެއްގެ މައްޗަށް ޚަރަދު ބަރަދު ލާޒިމުވާ އެންމެންގެ ފަރާތުން ޒަކާތް ދެއްކުމަށް މައުމޫން އިލްތިމާސް ކުރެއްވިއެވެ.



