މާލޭގެ ”ޕްރައިމް ގޯޑައުން“ ގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި އިމާރާތުގެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އިންތިޚާބީ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށެވެ.
އަދި އިންތިހާބީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަަކައި މިވަގުތުވެސް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް ސޯޝަލް ސެންޓަރުގައި ފެށިގެން ކުރިއަށްދާކަމުގައި އެ ކޮމިޝަނުން ބުންޏެވެ.
ރޭ އަލިފާން ރޯވި ގޯޑައުން ހުންނަނީ މ. ކައިރުގޭގައެވެ. އެތަނަކީ ކެމިކަލް އާއި ގަސްކާނާ ފަދަ ތަކެތި ގުދަންކޮށްފައި ހުރި ތަނެކެވެ.
މި ހާދިސާގައި އެ ގުދަން އެއްކޮށް އަނދައި ހުލިވެފައިވާއިރު، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.




