މިމަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މުއްދަތުގެ ތެރޭގައި 200 އަށްވުރެ ގިނަ ދޯންޏަކުން މިފްކޯއަށް މަސްކިރުވާފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި، މިމަހުގެ މިހާތަނަށް 233 ދޯންޏަކުން 352 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މި ދޯނިތަކަށް މުޅި ޖުމްލަ 5,142,537 (ފަސްމިލިޔަން އެއްްލައްކަ ސާޅީސް ދެހާސް ފަސްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ފާހަގަކުރި ގޮތުގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ނިސްބަތުން ދަށްވެފައިވަނީ ރޯދަމަހާ ގުޅިގެން މަހަށް ނިކުތް ދޯނިތަކުގެ އަދަދު މަދުވުމުގެ ސަބަބުންނެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެ ދުވަހު މަސްކިރުވި 21 ދޯންޏަކަށް ޖުމްލަ 714,333 ރުފިޔާ ވަނީ ދޫކޮށްފައެވެ. ތަފްސީލަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ކަޅުބިލަމަހުގެ މަސްވެރިންނަށެވެ. އެއީ 4.1 މިލިޔަން ރުފިޔާއެވެ.
މީގެ އިތުރުން، 15 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނަށް 816,720 ރުފިޔާ ދޫކޮށްފައިވާއިރު، 10 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނަށް 335,636 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދޫކުރުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު ލަސްވެގެން 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ. މަސް ގަންނަ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ހިސާބަކުން އެއް ހަމައެއްގައި ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، މިއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މިގޮތުން މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ދަނީ ޚާއްސަ އިސްކަމެއް ދެމުންނެވެ.



