މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން މޯލްޑިވްސް ޒަކާތު ހައުސް އިން ނިންމައިފިއެވެ.
ޒަކާތު ހައުސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފައިސާއަކީ ގާޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހަދިޔާކުރި ފައިސާއެކެވެ.
މި އެހީގެ ފައިސާ ޒަކާތު ހައުސްގެ ފަރާތުން މިހާރު ވަނީ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފައެވެ.
މި އަހަރަކީ ރާއްޖޭގައި ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބުނު އަހަރެވެ. އެގޮތުން މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ އިރު، އޭގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ބެހުމަށް 13,896,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ޒަކާތު ހައުސް އިން އިތުރަށް ބުނީ، ޒަކާތް ލިބުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ފިތުރު ޒަކާތް ބަހާފައިވާ އިރު، މި އަހަރު ބޮލަކަށް ޖެހިފައިވަނީ 6,000 ރުފިޔާ ކަމަށެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހަމަހަމަކޮށް ފިތުރު ޒަކާތް ބެހި އިރު، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ޖެހުނު ފަހަރު ކަމަށްވެސް ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.




