ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 01:15 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި، މިހާތަނަށް ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، އެ ލޯންޗުގައި ޖުމުލަ ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫކޭ އަދި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ. ލޯންޗު ބަންޑުން ޖަހާލި ވަގުތު އޭގެ ތެރެއިން ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔައެވެ. އެއީ ރަޝިއާގެ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުންނެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އަނިޔާވި ތިން މީހަކަށް މިހާރު ދަނީ ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިގެން ކުރިއަށް ގެންދާކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ވ. ކެޔޮދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުންނެވެ.




