ގެއްލިގެންދާ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫން ކަމަށާއި، އެހެންކަމުން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
”ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ!” މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ ވަގުތަކީ މާތް الله އިންސާނާއަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިއުމަތްކަން ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނީ ކޮންމެ ދުވަހަކީ މާތް الله އަހަރެމެންނަށް ދެއްވައިފައިވާ ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށެވެ. އަދި އެ ނިއުމަތްތަކާ މެދު ވިސްނައި ފިކުރުކުރަން ޖެހެނީ، އެ އަގުބޮޑު ނިއުމަތްތަކުން މަހުރޫމުވުމުގެ ކުރިން އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ކަމަށްވެސް ބުނެފައިވެއެވެ. މާތް الله ދެއްވި ނިއުމަތްތަކުގެ ތެރެއިން އިންސާނާ އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިއުމަތަކީ ވަގުތުގެ ނިއުމަތްކަން ހުތުބާގައި ހަނދާންކޮށްދިނެވެ.
ހުތުބާގައި ބުންޏެވެ، ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގައި ވެއެވެ، ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ ދެ ނިއުމަތެއް ވާ ކަމަށާއި، އެއީ ޞިއްޙަތާއި ހުސް ވަގުތު ކަމަށެވެ. މާތް الله ވަގުތުގެ މުހިންމުކަން ބަޔާންކޮށްދެއްވުމަށްޓަކައި ދުވާލާއި ރޭގަނޑުގެ މުހިންމު ވަގުތުތައް ގަންދެއްވައި ހުވައި ވަޙީކުރައްވައިފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.
މިއީ ވަގުތަށް އެކަލާނގެ ދެއްވާފައިވާ މަތިވެރި ދަރަޖަ ހާމަކޮށްދޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖަޢާކުރުމަށް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން މާތް اللهއަށް ކިޔަމަންތެރިވުމުގައާއި، ގުރުއާން ކިޔެވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، އަދި ދީނީ އެހެނިހެން ކަންކަމުގައި ހޭދަކުރެވެނީ ކިހައި ވަގުތެއްތޯ ހިސާބުކުރަން ޖެހެއެވެ. ހަމައެހެންމެ، މާތް اللهއަށް އުރެދުމުގައި ހަޔާތުން ބޭކާރުވެގެންދަނީ ކިހައި ވަގުތެއްތޯ ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
މަސައްކަތްތެރިން އެބައިމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ދަރިވަރުންވެސް ތައުލީމު ހާސިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، ފިލާވަޅުތައް ފަހަށް ނުބަހައްޓައި ދުވަހުން ދުވަހަށް ދަސްކުރުމަށް ނަސޭހަތްތެރިވިއެވެ.
”ތައުލީމީ ހަޔާތުގެ ކާމިޔާބުގެ އަލީގައި ދުންޔަވީ ހަޔާތާއި އުޚުރަވީ ހަޔާތް ބާއްޖަވެރިކުރުމަށް އަވަހަށް މަސައްކަތް ފަށާށެވެ!“ ހުތުބާގައި ބުނެފައިވެއެވެ.
ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅަކީ އޭނާގެ އަޖަލާ ގާތްކުރުވާ ވަގުތުކޮޅެއްކަން ހަނދާންކޮށްދެމުން، ހުތުބާ ނިންމާލާފައިވަނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށް މަސައްކަތްކުރާ ހީވާގި ބަޔަކުކަމުގައި އަޅަމެން ލެއްވުމަށް އެދި ދުޢާކުރަމުންނެވެ.




