ފަލަސްތީނުގެ ގުދުސްގައި ހުންނަ މުސްލިމުންގެ މުގައްދަސް ބިނާއެއް ކަމަށްވާ އަގްސާ މިސްކިތަށް މިއަދު ފިތުރު އީދު ނަމާދަށް ޖަމާވި މީހުންނަށް އިސްރާއީލް ސިފައިން ހުރަސްއަޅައި، އެމީހުން ބޭރުކުރުމަށް ކަރުނަގޭސް ޖަހައިފިއެވެ.
މިއީ 1967 ވަނަ އަހަރުގެ ފަހުން އަގްސާ މިސްކިތުގައި އީދު ނަމާދުކުރުމުގެ ފުރުސަތު ފަލަސްތީނު ރައްޔިތުންނަށް ނުދިން ފުރަތަމަ ފަހަރެވެ.
އިސްރާއީލާއި އެމެރިކާ އިން މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އިސްރާއީލުން ވަނީ އަގްސާ މިސްކިތް ބަންދުކޮށްފައެވެ. މީގެ ސަބަބުން މުޅި ރަމަޟާން މަހު ވެސް ފަލަސްތީނުގެ މުސްލިމުންނަށް އެތަނުގައި އަޅުކަން ކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަމަވެސް، ބައެއް މީހުން ވަނީ އެ ސަރަހައްދުގެ އެކި ހިސާބުތަކަށް ޖަމާވެ ނަމާދުކޮށްފައެވެ.
އީދު ނަމާދަށް ވެސް އަގްސާ ނުހުޅުވާނެ ކަމަށް އިސްރާއީލުން އަންގާފައި އޮތުމުން، އަގްސާ ހަރަމްފުޅުގެ ޚަތީބު އަދި ގުދުސްގެ ކުރީގެ އިސް މުފްތީ، ޝައިޚް އިކްރިމާ ޞަބްރީ ވަނީ، އެ މިސްކިތާ އެންމެ ކައިރީގައި ނަމާދު ކުރެވޭ ހިސާބެއްގައި އީދު ނަމާދު ކުރުމަށް މުސްލިމުންނަށް އިލްތިމާސްކުރައްވައި ފަތުވާއެއް ނެރުއްވައިފައެވެ. އެހެންކަމުން ގިނަ ބަޔަކު ވަނީ މިސްކިތާ ކައިރި ސަރަހައްދުތަކަށް ޖަމާވެފައެވެ.
މިއަދު ހެނދުނު އިރު އެރި އިރު އިސްރާއީލް ސިފައިން ވަނީ އަގްސާ މިސްކިތަށް ދެވެން އޮންނަ ހުރިހާ މަގުތަކެއްގައި ބެރިކޭޑް ޖަހައި، މީހުން ފާސްކޮށް ހުއްޓުވަން ފަށާފައެވެ.
އަދި މިސްކިތް ކައިރިއަށް ދާން މަސައްކަތްކުރި މީހުންނަށް ހަމަލާދީ ކަރުނަގޭސް ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.




