އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން މިސައިލް ހަމަލާއެއްގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު ޢަލީ މުހައްމަދު ނައިނީ ޝަހީދުވެއްޖެއެވެ.
ނައިނީ ޝަހީދުކޮށްލުމުގެ ގަޑިއެއްހާއިރު ކުރިން އޭނާ ވަނީ އީރާނުގެ އަސްކަރީ ގާބިލުކަމާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން ”އީރާނުގައި މިސައިލް އުފެއްދުމުގެ ގާބިލުކަން ކުރިންވެސް އޮތް ފެންވަރުގައި އެބައޮތް“ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އީރާނުގެ ދައުލަތުގެ މުހިއްމު ގިނަ ބޭފުޅުންތަކެއް ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ އާއި، ސެކިއުރިޓީ ސުޕްރީމް ކައުންސިލްގެ ސެކެޓްރީ ޑރ. ޢަލީ ލަރިޖާނީގެ އިތުރުން އައިއާރުޖީސީގެ ކޮމާންޑަރު މުޙައްމަދު ޕަކްޕޫރު ހިމެނެއެވެ.
މީގެ އިތުރުން ސިފައިންގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސާވީ، ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ، ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ޣުލަމްރިޒާ ސުލައިމާނީ، ފުލުހުންގެ ޖާސޫސީ އިސް ވެރިޔާ ޣުލަމްރެޒާ ރެޒައިން، ޖާސޫސީ ކޮމާންޑަރު ޞާލިހު އަސާދީ އަދި ހަތިޔާރު ދިރާސާކުރާ ސްޕެޝަލިސްޓް ހުސެއިން ޖަބަލް އަމަލިއަން ވެސް ވަނީ މި ހަމަލާތަކުގައި ޝަހީދުވެފައެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުން ބުނެފައިވަނީ މިކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލާނީ ބަދަލު ހިފައި ނިމުމުން ކަމަށްވެސް އެ ގައުމުން ވަނީ އިއުލާނުކޮށްފައެވެ.
މި ހަމަލާތަކުގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލަށްވެސް މިއިން ދުވަހަކު ނުލިބޭހާ ބޮޑެތި ގެއްލުންތަކެއް މި ހަނގުރާމައިގައި ލިބެމުންދާކަން ފާހަގަކުރެވެއެވެ.




