އިސްރާއީލުން ހިސާރުކޮށްފައިވާ އިރުމަތީ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ގޯތިތެރެއަށް މިސައިލެއްގެ ބައިތަކެއް ވެއްޓިއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ހުޅުގަނޑު މުޅި ސަރަޙައްދަށް ފެތުރިފައިވާއިރު، ޔަހޫދީ ފައުޖުން ދިފާޢު ކުރި މިސައިލެއްގެ ބައިތަކެއް ވެއްޓި، އަގްސާގެ އަމާންކަން މިހާރުވަނީ ގެއްލިފައެވެ.
އީރާންގެ އިސްތިޤުލާލާއި ކަރާމާތް ދިފާޢުކުރުމުގެ ގޮތުން އެ ޤައުމުން ދެމުންދާ ރައްދު ޙަމަލާތަކުގެ ސަބަބުން، ޔަހޫދީ ދައުލަތުގެ ރަށްތަކުގައި ދަނީ ކެނޑުމެއް ނެތި އިންޒާރުގެ ރަނގަބީލު އަޅަމުންނެވެ.
އަދި ލުބްނާންގެ ޙިޒްބުالله އިން ވެސް ދަނީ ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކަށް ޙަމަލާތައް އަމާޒުކޮށް، ޔަހޫދީންނަށް ނުތަނަވަސްކަން ކުރިމަތިކުރުވަމުންނެވެ.
މަސްރަޙް ދިރާސާކުރާ ފަރާތްތަކުން މަޢުލޫމާތުދޭ ގޮތުގައި، އީރާނުގެ މިސައިލް ޙަމަލާތަކަކީ ހަމައެކަނި އަސްކަރީ މަރުކަޒުތަކަށް އަމާޒު ކުރަމުންދާ ޙަމަލާތަކެއް ނަމަވެސް، އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގެ އުޑުމަތިން މި ތަކެތި ގޮއްވާލުމަށް އިސްރާއީލުން ބޭނުންކުރާ ނިޒާމުތަކުގެ ސަބަބުން މިސައިލްތަކުގެ ބައިތައް ވެއްޓެމުން ދަނީ ޢާންމުން ދިރިއުޅޭ ތޮއްޖެހިފައިވާ ސަރަޙައްދުތަކަށެވެ.
ޔަހޫދީންގެ ހަރުކަށި ބާރުގެ ދަށުން އަޤްޞާ ބަންދުކޮށް، މުސްލިމުންގެ އަޅުކަމަށް ހުރަސްއަޅާފައިވާ ދަނޑިވަޅެއްގައި، މިސައިލްގެ ބައިތައް ވެއްޓިފައިވަނީ އަޤްޞާއާ ވަރަށް ކައިރި ހިސާބަކަށެވެ.
މި ހާދިސާގައި އެ ސަރަޙައްދުގައި ހުރި ޢާންމުންގެ އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިއީ މުސްލިމުންގެ މުޤައްދަސް ބިނާތަކުގެ ރައްކާތެރިކަމަށް އިސްރާއީލުން އަޅާނުލާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.




