ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކެމްޕަހެއް ތަރައްޤީކުރުމުގެ މަސައްކަތް ސޮލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއީ މުޅި ރާއްޖެއަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދީ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ވިލިނގިލީގައި ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީކުރުމުގެ އިތުރުން، ދަރިވަރުން ބޭތިއްބުމަށް ޚާއްޞަ އެކަމަޑޭޝަން ބްލޮކެއް ވެސް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ އެންމެ 4 ކެމްޕަސް ހުރި ނަމަވެސް، މިހާރު އެމްއެންޔޫގެ 26 އަށްވުރެ ގިނަ މަޝްރޫޢާއި އައިޔޫއެމްގެ 12 އަށްވުރެ ގިނަ މަޝްރޫޢު ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ މަތީ ތަޢުލީމު ހާސިލުކުރުމަށް މާލެއަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުމެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިންމައި، އަތޮޅުތެރޭގައި ތިބެގެން ފެންވަރު ރަނގަޅު ތަޢުލީމު އުނގެނުމުގެ ފުރުޞަތު ފުޅާކުރުމެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ބަސްތައް ދަސްކޮށްދިނުމަށްޓަކައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލް ތަކެއް ޤާއިމްކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ސްކޫލްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ، އައްޑޫ ސިޓީ އަދި ލ. ފޮނަދޫގައެވެ.



