ސަރުކާރުން ފަށާފައިވާ ޓެކްސީ ލައިންގެ ޚިދުމަތަށް ޑްރައިވަރުން ހޯދުމަށްޓަކައި، އަންނަ ހޯމަ ދުވަހު ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް އެމްޓީސީސީ އިން ނިންމައިފިއެވެ.
އެމްޓީސީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑްރައިވަރުކަމުގެ ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 މާރިޗު 2026 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.
މިގޮތުން ބާއްވާ ވޯކް-އިން އިންޓަވިއުތައް ކުރިއަށްދާނީ މާރިޗު 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާފަންނު ބަސް ޓާމިނަލްގައެވެ.
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އިންޓަވިއުއަށް ދާއިރު، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޑްރައިވިން ލައިސަންސް ގެންދަންޖެހޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މިއަހަރުގެ ޖަނަވާރި މަހުގެ ތެރޭގައިވެސް އެމްޓީސީސީން ވަނީ ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުތަކެއް ބާއްވާފައެވެ. އެ ފަހަރު ބޭއްވި އިންޓަވިއުތަކުގައި ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް ފުރުސަތު ހުޅުވާލިއެވެ. އޭގެ ތެރޭގައި ހިމެނެނީ 285 ފުލް ޓައިމް ވަޒީފާއާއި 122 ޕާޓް ޓައިމް ވަޒީފާއެވެ.
ސަރުކާރުން މި ޚިދުމަތް ތަޢާރަފް ކޮށްފައިވަނީ އާންމުންނަށް ޓެކްސީ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އިތުބާރު ހުރި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށެވެ.
މި ޚިދުމަތް ދޭނީ އެމްޓީސީސީ އިންނެވެ.




