ވ. ފެލިދޫ ކައިރީގައި ހިނގި ލޯންޗު ބަންޑުން ޖަހާލުމުގެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، އެކަކުގެ އަތްބުރިވެ އިތުރު ފަރުވާއަށް މިއަދު އިންޑިއާއަށް ފުރައިފި ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނިގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުގައެވެ.
އެ ލޯންޗްގައި ތިބި މީހުންގެ ތެރެއިން ރަޝިއާގެ އަންހެނަކަށާއި އިންޑިއާގެ ފިރިހެނަކަށް މިހާރު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އިތުރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
އަދި ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު މި މަހުގެ 20 ވަނަ ދުވަހު ފަރުވާއަށް ރާއްޖެއިން ފުރައިގެން އިންޑިއާއަށް ގޮސްފައިވާ ކަމަށާއި އެއީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާގައި އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ.
އަދި މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.




