އީރާނުން އިސްރާއީލަށް ރޭ ފޮނުވާލި މިސައިލް ހަމަލާތަކެއްގައި އިސްރާއީލުގެ 100 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.
މި ހަމަލާތައް ސީދާ އަމާޒަށް އަރާފައިވަނީ މީހުން ދިރިއުޅޭ އިމާރާތްތަކުގެ ތެރެއަށެވެ.
އިސްރާއީލުގް ކުއްލި އެހީއާ ބެހޭ އިދާރާ، މެގެން ޑޭވިޑް އަޑޮމް (އެމްޑީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި، އަރާދު އަވަށުން އެކަނިވެސް 84 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރެއިން 10 މީހެއްގެ ހާލު ސީރިއަސް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުން ދީމޫނާ އަވަށުން 33 މީހަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ދައުލަތުގެ ޓީވީން ބުނި ގޮތުގައި، ނިއުކްލިއާ މަރުކަޒެއް ހުންނަ ދީމޫނާއަށް ހަމަލާދިނީ އީރާނުގެ ނަތަންޒްގައި ހުންނަ ނިއުކްލިއާ މަރުކަޒަށް ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުންނެވެ. ދީމޫނާ އާއި އަރާދަށް ވެސް އަރާފައިވަނީ އެތައް ސަތޭކަ ކިލޯގެ ވޯހެޑް ހިމެނޭ ބެލިސްޓިކް މިސައިލްތަކެއް ކަމަށް ފަޔަ ފައިޓަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ. މި ދެ މިސައިލް ހުއްޓުވުމުގައި ވެސް އިސްރާއީލުގެ އެއާ ޑިފެންސް ސިސްޓަމް ފެއިލްވި ކަމަށް އިސްރއީލުން ވަނީ އެއްބަސްވެފަ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އެއާ ޑިފެންސް ނިޒާމު މަސައްކަތްކުރި ނަމަވެސް މިސައިލްތައް ހުއްޓުވިފައި ނުވާތީ، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.
އަރާދުގައި އެހީގެ ޓީމުތަކުން މިހާރު ދަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ދީމޫނާއިން ޒަހަމްވި މީހުންގެ ތެރޭގައި 10 އަހަރުގެ ފިރިހެން ކުއްޖަކު ހިމެނޭއިރު، އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސްއެވެ.
މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކޮށް، ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ އަންގައިފައެވެ. ދީމޫނާއަކީ އިސްރާއީލުގެ ނިއުކްލިއާ ހަތިޔާރު ރައްކާކޮށްފައި ހުންނަ ކަމަށް ބެލެވޭ މަރުކަޒު ހުންނަ އަވަށް ކަމަށްވާއިރު، މި ހަމަލާތަކާއެކު އެ ސަރަހައްދުގައި ވަނީ ބޮޑު ހާސްކަމެއް އުފެދިފައެވެ. ހަމަލާ އަމާޒުވި ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ރޭގެ ހަމަލާތަކަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ މިއީ އިސްރާއީލަށް ވަރަށް ދަތި ރެއެއް ކަމަށެވެ. ނަމަވެސް އީރާނަށް ދޭ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.
މިދިޔަ މަހުގެ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ ކޮންމެ ދުވަހަކު އިސްރާއީލަށް މިސައިލް ހަމަލާތައް ފޮނުވަމުންނެވެ.



