އައްޑޫ ހިތަދޫގައި އިއްޔެ ބާރު ސްޕީޑްގައި ދުއްވި ކާރެއް ފުރޮޅާލި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މާލެ ގެނެސްފިއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރީ 2026 މާރިޗު 21 ވަނަ ދުވަހުގެ 16:50 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށ ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
އަނިޔާވި އެންމެންނަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އޭގެ ތެރެއިން ތިން މީހުން މިހާރު ދޫކޮށްލާފައިވާ އިރު، ހާލު ސީރިއަސްވި މީހާ މާލެ ގެނެސް މިވަގުތު ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް މަައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ބާރު ސްޕީޑްގައި ދުއްވަނިކޮށް ފުރޮޅާލި ކާރަކީ ހިތަދޫ ވިޝަން ޓެކްސީގެ ކާރެކެވެ. އެ ހާދިސާގައި ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.




