ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 43 ވަނަ އަހަރީ އާންމު ޖަލްސާ މި މަހުގެ 28 ވާ ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރާގެ ބޯލްރޫމުގައެވެ.
ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ ކުރިއަށް ގެންދާނީ ހައިބްރިޑް މޮޑެލްއަކަށެވެ. އެގޮތުން ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުންނަށް ޖަލްސާއަށް ހާޟިރުވެގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ އިތުރުން މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިންގ މެނޭޖްމެންޓް ސިސްޓަމް ”ފަހިވޯޓް“ މެދުވެރިކޮށް އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މި ޖަލްސާގައި ބައިވެރިވުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް ”އިންފިނިޓީ“ މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. މިދިޔަ މާރިޗު މަހުގެ 14 އިން ފެށިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 26 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 އެވެ.
މި އަހަރުގެ ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށައަޅާ ފައިދާ ފާސްކުރުމާއި، ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރުން ފަދަ މުހިންމު ކަންކަން ކުރިއަށްދާނެއެވެ.
ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފައެވެ. ބޭންކުން ބުނި ގޮތުގައި މިއީ ޚިދުމަތްތައް ފުޅާކުރުމާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ސަމާލުކަމުގެ ނަތީޖާއެވެ. މާލީ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ބޭންކަށް ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭންކުގެ ޖުމްލަ އެސެޓް މިހާރު ވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.
ވޭތުވެދިޔަ އަހަރު ބޭންކުން ވަނީ އަލަށް 10 ބިލިޔަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފައެވެ. މިއީ ބޭންކުގެ ތާރީޚުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.
މީގެ އިތުރުން 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 2024 ވަނަ އަހަރަށްވުރެ 16 އިންސައްތަ އިތުރުވެފައެވެ.




