ވީރާނާވާން ދޫކޮށްލާފައިވާ މާލެ ސިޓީގެ ޕާކުތަކާއި އެކި މައިޒާންތަކުން ފެންނަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމުގެ އިހުމާލުކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް ވިދާޅުވީ މާލޭގެ ޕާކުތަކާއި އެކި މައިޒާންތަކުގެ ހާލަތު މިއަދު ހުރި ގޮތަކީ، މާލޭގެ މޭޔަރުކަމަށް އާޒިމް ވަޑައިގަތުމަށްފަހު އެމަނިކުފާނު ބޭނުންވާހާ ގޮތަށް ކަންކަން ތަރުތީބުކުރުމުގެ ނަތީޖާ ކަމަށެވެ.
އަދި މާލޭގެ ރައްޔިތުންނަށް މިއަދު ބޭނުންވަނީ ގިނަ މީހުން ނުކުންނަ މިފަދަ ތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓާނެ މޭޔަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް މިއަދު ބޭނުންވަނީ ގިނަ މީހުން ނުކުންނަ މިފަދަ ތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓާނެ މޭޔަރެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ދެއްކެވި ނަމޫނާ ދައްކަވާނެ އެ މަސައްކަތްޕުޅު ކުރައްވާނެ މޭޔަރަކު އިންތިހާބުކޮށްދެއްވުމަށް މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ. އެއީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓު މޫސާ އަލީ ޖަލީލު. މިހެން ތަންތަން ވީރާނާވާން ރައީސް ދުލެއް ނުކުރައްވާ،“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު ޕާކުތަކާއި މައިޒާންތައް މަރާމާތުކޮށް ބެލެހެއްޓުމަށް ވަކި ހާއްސަ ޓީމެއް އެކުލަވާލައިގެން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތުން ބުނެދެނީ މާލެއަށް އައު މޭޔަރަކު ބޭނުންވާކަން ކަމަށާއި، އެ ބޭފުޅަކީ މޫސާ އަލީ ޖަލީލު ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް ބެލެހެއްޓުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ނަމަވެސް، މިހާރު އޮތް ކައުންސިލަށް އެކަން ނުކުރެވޭ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ބައެއް ޕާކުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން ވީރާނާވަމުންދިޔަ ސަލްޓަން ޕާކު އަލުން ތަރައްޤީކޮށް ހުޅުވުމަށްޓަކައި އެ މަސައްކަތް މިހާރު ވަނީ އެމްއެންޑީއެފްއާއި ޙަވާލުކޮށްފައެވެ.




