ރާއްޖެއަށް ބޭނުންވާ ތެޔޮ އެބަހުރި ކަމަށާއި، ކުރިއަށް އޮތް ތަނުގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށާއި އަމިއްލަ ވިޔަފާރިތަކަށް އަސަރުކޮށްފައިވާ ކަމަށެވެ.
ޚާއްސަކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންދާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާއި، ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، ކާޑުގެ ބާވަތްތައް އެތެރެކުރުމުގެ ކަންކަން ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ މި ޚިދުމަތްތަކުގެ އަގުތައް އެކަށިގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތެލުގެ ސްޓޮކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އެކަށީގެންވާ ވަރަށް ތެޔޮ އެބަހުރި ކަމަށެވެ. އެސްޓީއޯއިން މިހާރުވެސް ތެލުގެ ދެ ޝިޕްމަންޓް ގެނެސްފައިވާ އިރު، އަންނަ މަހުގެ ކުރީކޮޅު ސިންގަޕޫރުން ޑީސަލާއި ޕެޓްރޯލްގެ އިތުރު ޝިޕްމަންޓެއް އަންނާނެއެވެ. މީގެ އިތުރުން އޮމާންގެ ސޮހާރުންވެސް އިތުރު ޝިޕްމަންޓެއް އައުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ތެލުގެ ވިޔަފާރިއަކީ އެސްޓީއޯގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންވެސް ކުރާ ވިޔަފާރިއެއް. އަޅާ ފިޔަވަޅެއްގެ ސަބަބުން އެ ވިޔަފާރިތަކަށްވެސް ގެއްލުމެއް ވިޔަނުދީ މަސައްކަތް ކުރަމުންދަނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަން މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ.
އަދި ވަކި ސިނާއަތްތަކަށް ޚާއްސަކޮށްގެންވެސް އަގު ބޮޑުކޮށްފައި ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.


