އަންނަ އޭޕްރިލް މަހުން ފެށިގެން ކުޅުދުއްފުށީގައި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން، ޑީސަލް ބޭނުން ނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފައްދަން ތައްޔާރުވެފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޑަބްލިޔުއެސްސީގެ އެމްޑީ އަބްދުލް މަތީން ސޯޝަލް މީޑިއާ މެދުވެރިކޮށް ވިދާޅުވީ، ދުނިޔޭގެ ފެނުގެ ދުވަސް މިއަދު ފާހަގަކުރާއިރު ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ޔަޤީންކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ ބައެއް ޚާއްސަ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަ ކުރައްވާ ކަމަށެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ޤުދުރަތީ ކާރިސާތަކާއި ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާ ހަނގުރާމާއިގެ ސަބަބުން ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައިވެސް ފެނުގެ ޚިދުމަތް ރައްޔިތުންނަށް ކަށަވަރުވާނޭ ގޮތަކަށް ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް އެންމެ ބޮޑަށް ބޭނުންކުރެވޭނޭހެން ފެނުގެ ނިޒާމުތައް ފަރުމާކޮށް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތެއްކަން މަތީން ފާހަގަކުރެއްވިއެވެ.

”މިގޮތުން ޑީސަލް ބޭނުންނުކޮށް ހަމައެކަނި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެން އުފެއްދުމުގެ ނިޒާމު ޤާއިމު ކުރުމަށް 2025 ވަނަ އަހަރު ހދ. ކުޅުދުއްފުށީގައި އެމްޑަބްލިޔުއެސްސީން ފެށި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ނިމިފަ. އަދި މިހާރު ކުރިޔަށް ގެންދެވޭ ޓެސްޓިން މަރުހަލާ ނިމުމަށްފަހު އެޕްރީލް މަހުން ފެށިގެން ހދ.ކުޅުދުއްފުށީގައި ޑީސަލްއާއި ނުލާ މުޅި ރަށަށް ބޭނުންވާ ވަރަށް ފެންއުފެއްދުމުގެ ޤާބިލުކަން ލިބިގެން ދާނެ“ މަތީން ވިދާޅުވިއެވެ.
މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަން ފެން ކުންފުނީގެ އެމްޑީ ފާހަގަކުރެއްވިއެވެ.
”މި ކާމިޔާބީއަށް ވާސިލްވުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާ އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން“ މަތީން ވިދާޅުވިއެވެ.




