ރާއްޖޭގެ ޔޫޒަބަލް ރިޒާވް އަދިވެސް ހުރީ 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށާއި، މި އަހަރު އަދާކުރަންޖެހޭ ސުކޫކުގެ ފައިސާ ކުރިންވެސް ރޭވި ގޮތަށް ދެއްކޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ހާލަތު ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ.
އަދި އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ދައްކަންޖެހޭ ސުކޫކުގެ ޕޭމެންޓު، އެއްވެސް ދަތިކަމެއް ނެތި ކުރިން ރޭވިފައިވާ އުސޫލުން އަދާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، މާޗް 18 އާ ހަމައަށް ދައުލަތުގެ ޖުމްލަ ރިޒާވް ހުރީ 1.2 ބިލިއަން ޑޮލަރަށްވުރެ މަތީގައި ކަމަށެވެ. އަދި ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވްވެސް 300 މިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސުކޫކުގެ ޕޭމެންޓު ދެއްކުމަށް ހަމަޖެހިފައިވަނީ ޔޫޒަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ފައިސާ ބޭނުންކޮށްގެންނެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތެޔޮ ލިބުމުގައި ދަތިތަކެއް ކުރިމަތިނުވާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އިއްޔެ އައު ތެޔޮ ޝިޕްމެންޓެއް ގެނެވިފައިވާއިރު، އަންނަ މަހުވެސް އިތުރު ޝިޕްމެންޓުތައް ގެނައުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރައްޔިތުންނަށް ކުރާ މިންވަރު ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގައި އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުންވެސް ހިމެނޭ ކަމަށާއި، ތެލުގެ ސްޓޮކް ދެމެހެއްޓެނެވި ގޮތެއްގައި ބެލެހެއްޓެމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.




