އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް 8 ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް ޗާޕްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ އިންތިޚާބެއްގައި މިހާ ގިނަ އަދަދަކަށް ވޯޓު ކަރުދާސް ޗާޕްކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ އިންތިޚާބުގައި ކޮންމެ ވޯޓުލާ މީހަކަށް 3 ވޯޓު ކަރުދާސް ލިބޭނެއެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294,876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ. މި އިންތިޚާބަށްޓަކައި ޖުމްލަ 588 ތަނެއްގައި ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮއްޓާއި ޖަލުތަކުގައި 5 ފޮށި ހިމެނެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޝަހުލާ އިސްމާޢިލް ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕްކުރުމުގެ މަސައްކަތުގެ %85 އާއި %95 އާ ދެމެދު މިހާރު ނިމިފައިވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ އިންތިޚާބަކަށް އެންމެ ގިނަ ވޯޓު ކަރުދާސް ޗާޕް ކުރާ ފަހަރަށްވާނެ މިފަހަރު. ކޮންމެ ވޯޓު ކަރުދާހެއް ޗެކް ކުރުމަށް ފަހު އެތަކެތި ޕެކްކޮށް ވޯޓުލާ މަރުކަޒަށް ފޮނުވާލުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާކަން ފާހަގަކުރަން،“ ޝަހުލާ ވިދާޅުވިއެވެ.
ކޮމިޝަނުން ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސްތައް މަރުކަޒުތަކަށް ފޮނުވާނީ ވަކިވަކިން ޗެކްކުރުމަށްފަހު، ސެކިއުރިޓީ ފޮށިތަކުގައި ބަންދުކޮށްގެންނެވެ. އަދި ކަރުދާސްތައް ހުންނާނީ ޚާއްޞަ ސެކިއުރިޓީ އުރަތަކެއްގައި ބަންދުކުރެވިފައެވެ. މި ފޮށިތައް ކަނޑާނީ ވޯޓުލާ ދުވަހު، މަރުކަޒުގައި ތިބޭ އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ވޯޓުލާން ގޮސް ތިބޭ އާންމުންގެ ކުރިމަތީގައެވެ.
މިފަހަރު ތިން ކަމަކަށް ވޯޓުލާން ޖެހޭތީ، ކޮންމެ މީހަކުވެސް ވޯޓު ކަރުދާސްކޮޅު ލެވެނީ ރަނގަޅު ފޮއްޓަށްތޯ ޔަޤީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް ތިން ވޯޓަށް ވަކިވަކި ފޮށިތައް ބެހެއްޓިފައި ހުންނާނެ ކަމަށް އެ ކޮމިޝަނުން މަޢުލޫމާތުދެއެވެ.




