ސަރުކާރުން ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ ޚިދުމަތަށް ޚާއްޞަ ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1655 ހަމަޖައްސައިފިއެވެ.
މި ނަންބަރު އާންމުކޮށްފައިވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން މިއަދު އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ، އަލަށް ތައާރަފްކުރާ މި ޓެކްސީ ޚިދުމަތުގެ ހޮޓްލައިން ނަންބަރުގެ ޚިދުމަތް ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެ ކަމަށެވެ. މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޓެކްސީތައް ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި ޚިދުމަތަށް ތިން މޮޑެލްއެއްގެ ކާރު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފުރަތަމަ ބެޗްގެ ކާރުތައް ތައިލެންޑުން ގެނައުމަށް ނިންމާފައިވާއިރު، ދެވަނަ ބެޗްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ.
މި ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ފުލްޓައިމް އަދި ޕާޓްޓައިމް ޑްރައިވަރުން ހޯދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ވަނީ ފަށާފައެވެ. އެ ކުންފުނިން ބުނީ އިތުރު ޑްރައިވަރުން ބޭނުންވާތީ، ކުރިއަށް އޮތް ތަނުގައި ވޯކް-އިން އިންޓަވިއުތައް ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ފިޔަވަހީގައި ދިނުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައެވެ.



