ގޭސް ލިބުމުގައި ދިމާވި ދަތިތައް ހައްލުކޮށް 10 ކިލޯގެ ގޭސްފުޅި މޯލްޑިވް ގޭހުން އަލުން ވިއްކަން ފަށައިފިއެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމާއި، އެމެރިކާއާ އިސްރާއީލުން އިސްވެ އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން މުޅި ދުނިޔެއަށް ވަނީ ތެލާއި ގޭސް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.
މި ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި ތެލާއި ގޭހުގެ އަގުތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މޯލްޑިވް ގޭހުން ބުނި ގޮތުގައި، ދުނިޔޭގެ ބާޒާރަށް ދިމާވި މި ދަތިތަކާ ގުޅިގެން ރައްޔިތުންނަށް މެދުނުކެނޑި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މީގެ ކުރިން ވަނީ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކާފައެވެ. އެގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން 10 ކިލޯގެ ގޭސް ފުޅި ވިއްކުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ނަމަވެސް، މިއަދު އެ ކުންފުނިން ބުނީ ގޭހުގެ އައު ޝިޕްމަންޓެއް މިހާރު ލިބިފައިވާ ކަމަށާއި، އެއާއެކު ކުރިން ދިމާވި ދަތިތަކަށް ހައްލެއް ލިބިފައިވާ ކަމަށެވެ.
”ގޭހުގެ އައު ޝިޕްމަންޓް ލިބި ދިމާވި ގޭހުގެ ދަތިކަން މިހާރު ވަނީ ހައްލުކުރެވިފައި،“ މޯލްޑިވް ގޭހުން ބުންޏެވެ.
މި ބަދަލާއެކު، މިއަދުން ފެށިގެން މޯލްޑިވް ގޭހުގެ ކަސްޓަމަރުންނަށް 10 ކިލޯގެ ގޭސް ފުޅި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.



