ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ތާއިދުކުރަނީ ޤައުމުގެ ހަމަޖެހުމަށާއި ތަރައްޤީއަށް ޓަކައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ގަލޮޅު އުތުރު ”ދޮރުން ދޮރަށް“ ހަރަކާތުގެ ތެރެއިން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، އިންތިޚާބުތައް ވަކިވަކިން ބާއްވައިގެން ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ޤައުމު އޮންނަ ނަމަ ތަރައްޤީ ގެންނަން އުނދަގޫވާނެ ކަމަށެވެ.
އަދި ޤައުމަށް ކުރިއެރުން އަންނާނީ ފުރަތަމަ ޤައުމު ހަމަޖެހިގެން ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަށް ކުރިއެރުން އަންނާނީ ފުރަތަމަ ޤައުމު ހަމަޖެހިގެން. އެހެންވީމަ ޤައުމުގެ ހަމަޖެހުމަށް ދޭ ވޯޓެއް އަސްލު ޙަޤީގަތުގަ ’އާނއެކޭ‘ މިބުނާ ވޯޓަކީ. ޤައުމުގެ ހަމަޖެހުމަށް އާނއެކޭ މި ބުނަނީ. ކުރިމަގަށް ތަރައްޤީއަށް އާނއެކޭ މި ބުނަނީ،“ މެންބަރު އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، މުޅި މާލެ ވެސް އޮތީ ޕީއެންސީގެ ”އާނއެކޭ“ ކެމްޕޭނަށް ތައްޔާރަށް ކަމަށެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމުގައި ”ނޫނެކޭ“ ބުނަނީ ހަމައެކަނި ސިޔާސީ މަންފާއަކަށްޓަކައި ކަމަށާއި، އިދިކޮޅު އެމްޑީޕީގެ ތެރޭގައި މިހާރު އެއްބައިވަންތަކަމެއް ނެތް ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އެމްޑީޕީގެ ޖަގަހަތަކުން ކެންޑިޑޭޓުންގެ ފޮޓޯ ނުފެންނަކަމާއި، އެ ޕާޓީން މިހާރު އިސްކަންދެނީ އަމިއްލަ ކެމްޕޭނަށްވުރެ ބޮޑަށް ”ނޫނެކޭ“ ޕްރޮމޯޓްކުރުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
އެމްޑީޕީ ދޫކޮށް ޕީއެންސީއަށް ވަޑައިގަންނަވާ ބޭފުޅުންގެ ވާހަކަތަކަށް ރިއާޔަތްކުރައްވައި އިމްރާން ވިދާޅުވީ، އިދިކޮޅުން މަސައްކަތްކުރަނީ ޤައުމު އިސްލާހުކޮށް ހަމަމަގަށް އެޅުވުމުގެ ރޫހެއްގައި ނޫން ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ޤައުމުގައި ވޯޓުލާ ދުވަސްތައް މަދުކުރަން ޖެހޭ ކަމަށެވެ.
އަދި މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ޤައުމުގެ ހަމަޖެހުން ޤާއިމުކުރަން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވެ، އިމްރާން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ.




