އިޤްތިސޯދީ ތަރައްޤީގެ މަޝްރޫއުތަކަށް ހާއްސަކޮށްގެން “ޑިވެލޮޕްމަންޓު ބޭންކު އޮފް މޯލްޑިވްސް ލިމިޓެޑް“ ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސަރުކާރުގެ ކުންފުންޔެއް އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދާފައިވަނީ ކުންފުނީގެ ޤާނޫނުގެ 15 މާއްދާއިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި މި ކުންފުންޔަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
މި ބޭންކުގެ މަސައްކަތްތައް ކުރިޔަށް ދާނީ ރައީސް ޑރ. މުއިއްޒު އުފެއްދެވި މޯލްޑިވްސް ފައިނޭންޝަލް ސާވިސަސް އޮތީރިޓީ ގެ ދަށުންނެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފައިވާ ގޮތުގައި މި ބޭންކާއިއެކު ރައްޔިތުންގެ ތަރައްޤީއަށް ބޭނުންވާ ލޯނާއި ފައިސާ ދިނިމުގަ މިހާރަށް ވުރެ ފަސޭހަ އަދި ލުއި ގޮތްތަކެއް ފަހިވެގެންދާނެ އެވެ.
ޑިވެލޮޕްމަންޓު ބޭންކުތަކަކީ އިގުތިސޯދީ ތަރައްގީގެ މަޝްރޫއުތަކަށް، ހާއްސަކޮށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް، ދިގު މުއްދަތުން އަނބުރާ ދައްކާ ގޮތަށް ފައިސާ އާއި އެހީތެރިކަން ފޯރުކޮށްދޭ ބޭންކެކެވެ.



