ސަރުކާރުން ފަށާ ޓެކްސީ ލައިނަށް ހާއްސަކުރި ޓެކްސީތަކުގެ ފުރަތަމަ ބެޗު ރާއްޖެ ގެނެސްފިއެވެ.
އެމްޓީސީސީ އިން ބުނީ، މި ޚިދުމަތަށް ބޭނުންވާ 150 ކާރުގެ ތެރެއިން 60 ކާރު މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި މި ކާރުތައް ދައްކާލައިފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ކާރުތަކުގެ ދެވަނަ ޝިޕްމަންޓް މި މަހުގެ 29 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެއެވެ. މި ޝިޕްމަންޓުގައި 90 ކާރު ހިމެނޭނެއެވެ.
މި ޚިދުމަތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ޓެކްސީ ކުރުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ފަށާ މި ޚިދުމަތް އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ފެށުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
”ކުރިއަށް އޮތް 4 ވަރަކަށް ދުވަސް ތެރޭގައި ދެވަނަ ބައި އައުމާއެކީގައި މިމަސް ނިމޭހިސާބުގައި ނުވަތަ އަންނަ މަހުގެ 2ގައި ރައްޔިތުންނަށް މި ޚިދުމަތް ފެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާ އެ ޚިދުމަތް ފެށޭނެ،“ މިނިސްޓަރު ވިދާޅުވިއެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި ޑްރައިވަރުން ހޯދުމާއި ތަމްރީނު ކުރުމުގެ އިތުރުން، ޚިދުމަތަށް ޚާއްސަ އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
މި ޓެކްސީ ލައިންގެ ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ޚިދުމަތެއް ކަމަށްވެސް ސައުދީ ވިދާޅުވިއެވެ.

ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ، 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އުޅަނދުތަކެކެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނޭނެއެވެ.
މި ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.





1 Comment
الحمدلله