މާލެ ސިޓީގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މާލެ ސިޓީގައި ޕީއެންސީއިން ކުރިޔަށް ގެންދާ ”ދޮރުން ދޮރަށް“ ހަރަކާތުގެ ދެވަނަ ބުރުގެ ތެރެއިން މިއަދު ގަލޮޅު އުތުރަށް ކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ރައްޔިތުންނާއިއެކު ގިނަ ވަގުތުތަކެއް ހޭދަކުރައްވައި، އެފަރާތްތަކުގެ ޝަކުވާތަކާއި ދިމާވެފައިވާ އެކި ކަހަލަ ދަތިތަކުގެ އަޑު ވަރަށް ގާތުން އައްސަވާފައެވެ.

މި ހަރަކާތަކީ މާލޭގެ އެކި ދާއިރާތަކަށް ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކޮށްދެއްވުމަށް މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތުގެ ތެރެއިން ކުރިއަށްދާ ސިލްސިލާ ހަރަކާތެކެވެ.

ރަމަޟާން މަސް ނިމުމުގެ ކުރިން މާލޭގެ 17 ދާއިރާއަށް ޒިޔާރަތްކުރައްވައި ރައްޔިތުންގެ ހާލު ބެއްލެވުމަށްފަހު، އީދު ބަންދުގެ ކުރިން ރައީސް ވަނީ މި ހަރަކާތުގެ ދެވަނަ ބުރެއް ފައްޓަވާފައެވެ. މި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަކިވަކި ގެތަކަށް ވަޑައިގެން އާއިލާތަކާ ބައްދަލުކުރައްވައި، މަގުމަތިން ބައްދަލުވާ އާންމު ރައްޔިތުންނާ ވެސް ސަލާމްކުރައްވައި ވާހަކަދައްކަވަމުން ގެންދަވައެވެ.

ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މާލޭގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންނާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.
ޕީއެންސީއިން ލަފާ ކުރާ ގޮތުގައި ކުރިޔަށް އޮތް އިންތިހާބުތަކުގައި އެ ޕާޓީން ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި ކާމިޔާބުކުރެވޭނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.



