މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ތައާރަފުކުރާ އައު ޓެކްސީ ލައިންގެ ޚިދުމަތް، 150 ކާރާއެކު އަންނަ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ރަސްމީކޮށް ފަށާނެކަން މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިއުލާނުކޮށްފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ޚިދުމަތުގެ ބޭނުމަކީ ރައްޔިތުންނަށް އިތުބާރު ހުރި، ރައްކާތެރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކޮށްދީ، މި ދާއިރާގެ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ.

މި ޓެކްސީ ފްލީޓުގައި ހިމެނެނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ތަކެކެެެވެ. މިއީ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގެންނަ ’ޗަންގަން އޮޓޯމޮބައިލް‘ ބްރޭންޑުގެ ފުރަތަމަ 60 ކާރު މިއަދު ރާއްޖެ ގެނެސްފައިވާއިރު، އިތުރު 90 ކާރު މި ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް އެމްޓީސީސީއިން ބުންޔެވެ. މިއާއެކު ޚިދުމަތް ފަށާއިރު ޖުމްލަ 150 ކާރު ބޭނުންކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
އެމްޓީސީސީއިން ބުނީ މި ޚިދުމަތް ހޯދުމަށް ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް ތައާރަފް ކުރާނެ ކަމަށެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ޑިޖިޓަލްކޮށް ދަތުރުތަކަށް އެދެވޭނެއެވެ. މި ޚިދުމަތަކީ 24 ގަޑިއިރު ލިބޭނެ ޚިދުމަތަކަށްވާއިރު، ކަސްޓަމަރުންނަށް އެހީތެރިވުމަށް ’1655‘ ނަންބަރުގެ ހޮޓްލައިނެއް ވެސް ވަނީ ތައާރަފުކޮށްފައެވެ.

އެމްޓީސީސީން މިހާރު ދަނީ މި ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދައި ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި ލައިނަށް 400 އަށްވުރެ ގިނަ ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރޭގައި ފުލް-ޓައިމް އަދި ޕާރޓް-ޓައިމް ޑްރައިވަރުން ހިމެނެއެވެ. ފުލް-ޓައިމްކޮށް މަސައްކަތްކުރާ ޑްރައިވަރުން ތިބޭނީ ޚާއްޞަ ޔުނީފޯމެއްގައެވެ. އަދި ޕާރޓް-ޓައިމް ޑްރައިވަރުން ތިބޭނީ އެކަމަށް ކަނޑައެޅިފައިވާ ވެސްޓެއް ލައިގެންނެވެ.
މި ޓެކްސީ ލައިންގެ ދަތުރުތަކަށް އަގު ނަގާނީ ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިއީ މާލޭގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޓެކްސީއެއް ނުލިބި، އެކަމަށް އިންތިޒާރުކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



