ފެނަކައިން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ރަނގަޅު ގޮތެއްގައި ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، 250 ކިލޯވޯޓްގެ މުޅިން އައު ދެ ޖެނެރޭޓަރު ގެނެސްފިއެވެ.
މި ޖެންސެޓްތައް ފޮނުވުމަށް ހަމަޖެހިފައިވަނީ ހއ. މުރައިދޫ އާއި ހއ. ތަކަންދޫ އަށެވެ.
މި ދެ ޖެންސެޓް، މި މަހުގެ 22 ވަނަ ދުވަހު އެ ރަށްރަށަށް ގެންގޮސް، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އަދި މި މަސް ނިމުމުގެ ކުރިން އެ ޖެންސެޓްތައް އިންސްޓޯލްކޮށް ނިންމާ، ޚިދުމަތަށް ގެނައުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
ހއ. މުރަދިދޫގައި މި ޖެންސެޓް އިންސްޓޯލް ކުރެވުމުން، އެރަށުގެ އިންސްޓޯލް ކެޕޭސިޓީ 620ކވ އިން 750ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 375ކވ އިން 490 އަށް އިތުރު ކުރެވޭނެއެވެ.
ހއ. ތަކަންދޫގައި އިންސްޓޯލް ކެޕޭސިޓީ 480ކވ އިން 650ކވ އަށް އަދި އެވެއިލަބަލް ކެޕޭސިޓީ 310ކވ އިން 450 އަށް އިތުރުކުރެވޭނެއެވެ.
މި ޖެންސެޓްތައް އިންސްޓޯލްކޮށް ޚިދުމަތަށް ބޭނުން ކުރަން ފެށުމުން، މި ހަތަރު ރަށުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ފެނަކަ އިން ބުނެފައިވެއެވެ.



