މިދިޔަ ހަފްތާގައި ފުލުހުންނަށް ހުށައެޅިފައިވާ ސްކޭމްގެ މައްސަލަތަކުގެ ތެރެއިން 1 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މާރިޗު މަހުގެ 15 އިން 21 އަށް ޖުމުލަ 51 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކުގައި ޖުމުލަ 338,809.30 ރުފިޔާ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން 124,277.00 ރުފިޔާ އަނބުރާ ހޯދުމުގައި ފުލުހުން ވަނީ ކާމިޔާބީ ހޯދާފައެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނައިން ހުށައަޅާފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމަރސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން މި ބާވަތުގެ 27 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން، މީހެއްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ (އިމްޕަރސަނޭޝަން) 10 މައްސަލައަކާއި، ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 8 މައްސަލައެއްގެ އިތުރުން އެކި ކަހަލަ ލިންކުތައް ބޭނުންކޮށްގެން ފައިސާ ފޭރުމުގެ މައްސަލަތައް ހިމެނެއެވެ. ސްކޭމަރުން މިފަދަ ކަންކަމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޭސްބުކް މާކެޓް ޕްލޭސް އަދި ފޯނު ކޯލުތަކެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ވިޔަފާރިކުރުމުގެ ކުރިން އެއީ ސައްޙަ ވިޔަފާރިއެއްތޯ ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
ފައިސާއަށް އެދި މެސެޖެއް އަތުވެއްޖެނަމަ، އެ ފަރާތަކަށް ގުޅުއްވައިގެން ޔަގީންކުރެއްވުމަށާއި، ޑޮލަރު މާރުކުރެއްވުމުގައި ހަމައެކަނި ލައިސަންސް އޮތް ތަންތަން ބޭނުންކުރެއްވުމަށް ފުލުހުން އިރުޝާދު ދެއެވެ. އަދި ޒާތީ މަޢުލޫމާތު ހިއްސާނުކުރުމަށާއި، އެޕްލިކޭޝަންތަކުގައި ’ޓޫ ފެކްޓަރ އޮތެންޓިކޭޝަން‘ ބޭނުންކުރުމަށްވެސް ވަނީ ބާރުއަޅާފައެވެ.
ފުލުހުން ބުނިގޮތުގައި ސްކޭމްގެ މައްސަލަތައް އަވަހަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ލިބޭ ވަރަށް ބޮޑު ފަސޭހައެކެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ، ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 އަށް ގުޅައިގެން ނުވަތަ reportscam@police.gov.mv އަށް އީމެއިލްކޮށްގެން މައްސަލަ ހުށައެޅޭނެއެވެ.




