ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލީ ވެށި ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 111 ކުއްޖަކަށް އާއިލީ ލޯތްބާއި ރައްކާތެރިކަން ހޯދައިދެވިފައިވާ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮންމެ ކުއްޖަކަށް އާއިލާއެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި އެންމެ މުހިއްމު އެއް ސިޔާސަތެވެ. މި ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތުން، ކުރިން ހަމައެކަނި ތުއްތު ކުދިން އާއިލާތަކުން ބަލައިގަތް ނަމަވެސް، މިހާރު ތަންކޮޅެއް ބޮޑެތި ކުދިންނާއި އެއްބަނޑު އެއްބަފާ ކުދިންވެސް އެކީގައި އާއިލާތަކާ ހަވާލުކުރެވެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”17 ނޮވެންބަރު 2023 ވަނަ ދުވަހުން ފަށައިގެން މިއަދާ ހަމައަށްް އިރާދަކުރެއްވިއްޔާ 111 ކުއްޖަކަށް އާއިލީ ވެއްޓެއް ހޯދައިދެވިފައިވޭ. އެއީ އުފާވެރި ލޯބި ލިބިގެންވާ އާއިލީ ވެއްޓެއް. މީގެ ތެރޭގައި ހިމެނޭ އާއިލާއެއްގެ ތެރޭގައި ހުރި ބަލަހައްޓަން ބޭނުންވާ މީހަކާ ހަވާލުކުރެވޭ ނުވަތަ އަލަށް އާއިލާއެއް ލިބޭ ކުދިން،“ މިނިސްޓަރު ވިދާޅުވިއެވެ.
ކުއްޖަކު އާއިލާއަކާ ހަވާލުކުރުމުގައި މިނިސްޓްރީން ގެންގުޅޭ އުސޫލަކީ، އެންމެ ފުރަތަމަ އެ ކުއްޖެއްގެ އާއިލާގެ ތެރެއިން ބެލެހެއްޓޭނެ މީހަކު ހުރިތޯ ބެލުމެވެ. އެފަދަ މީހަކު ނުލިބިއްޖެ ހާލަތެއްގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ނަގައި އެހެން އާއިލާއެއް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން އެބަތިއްބެވެ. މި ސަރުކާރު ހަވާލުވިއިރު މި އަދަދު ހުރީ 164 ގައެވެ. މި ކުދިންނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި އަމާންވެށިތަކުގައި ދިރިއުޅޭ ކުދިންނެވެ. މި ކުދިން މުޖުތަމައަށް ނެރުމަށްޓަކައި އެކި ކަހަލަ އިންޓަންޝިޕްތަކާއި ތަމްރީނުތައް ފޯރުކޮށްދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާއި ކުށުގެ މާހައުލުން ކުދިން ސަލާމަތްކޮށް، ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެކެވެ. އެގޮތުން ރައީސްގެ އިސްނެންގެވުމަށް ފެށި ވަތަނީ ހިދުމަތުގެ ތެރެއިންވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެފައިވާކަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމު ފާހަގަކުރެއްވިއެވެ.




