”ބިންވެރިޔާ“ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
އެޗްޑީސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބިފައިވާ ފަރާތްތަކަށް ބިން ހަވާލުކުރުމަށްޓަކައި އެ ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިންފްރާސްޓްރަކްޗާއާ ގުޅިގެންނެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގައި ބޭނުންކޮށްފައިވަނީ އެއް ފަހަރާ 22,000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުރި ”ޕްރިންސް ދަ ނެދަލޭންޑެން“ އަދި ”އޮރެންޖް“ ޑްރެޖަރެވެ. މި ސަރަހައްދު ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން ހުޅުމާލެ ފޭސް 3 އިން 698 ގޯތި ދޫކުރުމަށް ނިންމާފައި އޮތް ނަމަވެސް، އޭރު އެ ސަރަހައްދުން ހިއްކާފައި އޮތީ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ގާތްގަނޑަކަށް 100 އެއްހާ ގޯތި ވެސް ދެވޭ ވަރުގެ ބިމެއް ނޫނެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 3 ގެ 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަޝްރޫއު މެދުކަނޑާލުމަށްފަހު، އަލުން އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.



