މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޒިންމާދާރުކަމާއެކު ފެތުރުމަށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔެ ހަނގުރާމައެއްގެ ބިރުވެރި ދުވަސްތަކެއް ކަނޑައްތުކުރަމުންދާ މިފަދަ ޚައްސާސް ދަނޑިވަޅެއްގައި، މީޑިއާތަކުން ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.
އަދި މިފަދަ މަޢުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމަކީ މުހިންމު ކަމެއްކަން އެމްއެމްބީސީން ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންނާ ހަމައަށް ޚަބަރު ފޯރުކޮށްދިނުމުގައި، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގައި ހިމެނޭ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އިސްކަންދިނުމަށް ކޮމިޝަނުން ވަނީ އެދިފައެވެ. މީގެ އިތުރުން، އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓު ހިމެނުމުގައި، އެ ފަރާތްތަކުން ދެއްކި ވާހަކައިގެ އަސްލު މަފްހޫމު ނުގެއްލޭ ގޮތަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެމްބީސީގެ ބަޔާނުގައި ވަނީ، އަސްލު އޮޅުވާލުމަށްޓަކައި މެނިޕިއުލޭޓް ކޮށްފައިވާ ނުވަތަ ފެބްރިކޭޓް ކޮށްފައިވާ ފޮޓޯ، އޯޑިއޯ އަދި ވީޑިއޯ ބޭނުންނުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައެވެ. ވަކިން ހާއްސަކޮށް ނަފްރަތު އުފެއްދުމުގެ ބޭނުމުގައި މިފަދަ ވަސީލަތްތައް ބޭނުންކުރުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ކޮމިޝަނުން ސިފަކުރެއެވެ.
ނިންމާލަމުން، މީޑިއާތަކުންނާއި ނޫސްވެރިން އެފަރާތްތަކުގެ ފަރުދީ ޒިންމާ، ޒިންމާދާރުކަމާއެކު އަދާކުރުމަށް އެމްއެމްބީސީން ވަނީ ހަނދާންކޮށްދީފައެވެ. މިއީ މުޅި މުޖުތަމައުގެ މަސްލަހަތާއި ސަލާމަތަށްޓަކައި އެންމެހާ މީޑިއާތަކުން ސަމާލުކަން ދޭންޖެހޭ ކަމެއްކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.



