ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޒަމާނީ އަދި ފަހުގެ ވަސީލަތްތަކަށް ބަދަލުވާންޖެހޭ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން ރޭގައި ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން މަތީން ވިދާޅުވީ، ތެލަށް ބަރޯސާވުން ކުޑަކުރަން ޒަމާނީ ޓެކްނޮލޮޖީއާއި މިހާރު ލިބެން ހުރި ފަހުގެ ޓެކްނޮލޮޖީތަކަށް (ރާއްޖޭގައި ބޭނުން ކުރެވޭ ޓެކްނޮލޮޖީތަކަށް) ދާން ޖެހޭ ކަމަށެވެ.
އެގޮތުން، ޑީސަލާ ނުލައި ފެން އުފެއްދުމަށް ހދ. ކުޅުދުއްފުށީގައި 2025 ވަނަ އަހަރު ފެށި ޚާއްސަ މަޝްރޫޢު މަތީން ވަނީ ފާހަގަ ކުރައްވާފައެވެ.
”އެ ނިޒާމުގެ ޓެސްޓިންގް މަރުހަލާ ނިމި، ވަރަށް އަވަހަށް ފެނުގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ. އެއީ ޑީސަލާ ނުލައި، ހަމައެކަނި އިރުގެ ހަކަތަ ބޭނުން ކޮށްގެން ފެން އުފެއްދުން“ މަތީން ވިދާޅުވިއެވެ.
މިއާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަށާއި މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރާއްޖެ ކުރާ ދަތުރުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްކަން ފެން ކުންފުނީގެ އެމްޑީ ފާހަގަކުރެއްވިއެވެ.




