ރަންވީރު ސިންގް ލީޑް ރޯލުން ފެންނަ ފިލްމު ”ދުރަންދަރު 2″ ރިލީޒްކުރިތާ އެންމެ ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 1,000 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، އިންޑިއާގެ ސިނަމާގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
މިއީ ބޮލީވުޑްގެ ތާރީހުގައި މިހާ އަވަހަށް މި އަދަދު ހަމަކުރި ފުރަތަމަ ފިލްމެވެ.
އިއްޔެގެ ނިޔަލަށް މި ފިލްމަށް ވަނީ ޖުމްލަ 1,067.24 ކްރޯޑް ރުޕީސް ލިބިފަ އެވެ. މީގެ ތެރެއިން އިންޑިއާގެ މާކެޓުން އެކަނި 805.32 ކްރޯޑް ރުޕީސް ހޯދާފައިވާ އިރު، ބޭރު ގައުމުތަކުން 261.92 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ.
މީގެ ކުރިން މި ރެކޯޑް ދެމެހެއްޓީ 18 ދުވަހުން އެ އަދަދު ހަމަކުރި ޝާހްރުކް ޚާންގެ ”ޖަވާން“ އެވެ.
އަދިތުޔަ ދާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އިންޑިއާގައި އެއް ދުވަހުގެ ތެރޭގައި 100 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފުރަތަމަ ހިންދީ ފިލްމު ވެސް މެއެވެ. ފިލްމީ މާހިރުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ހަފުތާ ބަންދުގައި މި ފިލްމުގެ އާމްދަނީގެ އަދަދުތައް އަދި އިތުރަށް މައްޗަށް ދާނެއެވެ.
މިދިޔަ އަހަރު ރިލީޒްކުރި ”ދުރަންދަރު“ގެ ފުރަތަމަ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، މި ފިލްމުގައި ދައްކަނީ 1999 ވަނަ އަހަރު އިންޑިއަން އެއާލައިންސްގެ ފްލައިޓް އައިސީ-814 ހައިޖެކްކުރި ހާދިސާ އާއި 2001 ވަނަ އަހަރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާއާ ގުޅުންހުރި ކަންތައްތަކެކެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިންޓެލިޖެންސް ބިއުރޯގެ ޗީފް އަޖޭ ސަންޔާލް (އާރް. މަދަވަން)، ޕާކިސްތާނުގެ ޓެރަރިސްޓް ނެޓްވޯކެއް ފުނޑާލުމަށް ޒުވާން ޖާސޫސަކު އެ ގައުމަށް ފޮނުވާ ހިސާބުންނެވެ.
މި ފިލްމުގައި ރަންވީރު ސިންގް ކުޅެނީ އިންޑިއާގެ ރޯ އޭޖެންޓެއްގެ ރޯލެވެ. ރަންވީރާ އެކު މި ފިލްމުން ސާރާ އަރްޖުން، އަކްޝޭ ކަންނާ، ސަންޖޭ ދަތު، އާރު މަދަވަން އަދި އަރްޖުން ރާމްޕާލް ފަދަ ތަރިން ފެނިގެންދެ އެވެ.
”ދުރަންދަރު 2“ ބިނާކޮށްފައިވަނީ ފުރަތަމަ ފިލްމުގައި ހިނގި ކަންތައްތަކުގެ ކުރިންނާއި އޭގެ ފަހުން ހިނގާ މުހިންމު ހާދިސާތަކުގެ މައްޗަށެވެ.



