ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުބާރާތުގެ އައު ޤަވައިދު ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އާންމުކޮށްފިއެވެ.
މި ބަދަލުތައް ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، މުބާރާތުގެ ވާދަވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅުކުރުން ކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.
އައު ޤަވައިދުގެ ދަށުން މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ.
މީގެ ކުރިން ސްކޫލްތަކާއި މުއައްސަސާތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދިޔަ ނަމަވެސް، ދެން މި މުބާރާތް ކުރިއަށްދާނީ ފަރުދީ ގޮތުން ބައިވެރިވެވޭ ގޮތަށެވެ. މީގެ ކުރިން ސިޓީތަކުގެ ސްކޫލްތަކާއި އަތޮޅު މުބާރާތްތަކުން ހޮވޭ ދަރިވަރުންނަށް އޮތް ފުރުޞަތު މިހާރު ވަނީ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ހުޅުވާލާފައެވެ.
މިފަހަރުގެ އެންމެ ބޮޑު އެއް ބަދަލަކީ މުބާރާތް ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމުމެވެ. އެއީ އޮޑިޝަން ބުރު، ސެމީ ފައިނަލް އަދި ފައިނަލް ބުރެވެ. އޮޑިޝަން ބުރު ކުރިއަށްދާނީ މާލޭގެ އިތުރުން އަތޮޅުތެރޭގައި ކަނޑައެޅޭ ވަކި ރަށްތަކެއްގައެވެ. ބައިވެރިންނަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
ސެމީ ފައިނަލަށް ހޮވޭނީ އޮޑިޝަނުން %80 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރަށް ހޮވޭނީ ސެމީ ފައިނަލުން %85 އަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 150 ބައިވެރިންނެވެ.
މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.
މުބާރާތުގެ ފައިނަލަށް އަތޮޅުތަކުން މާލެ އަންނަ ބައިވެރިންނަށް އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ. މުބާރާތުން ވަނަތައް ހޮވުމުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވަކިވަކި އުމުރުފުރާތަކުން ވަނަތައް ހޮވާނެއެވެ. އަދި މުޅި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވައި، އެ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތް ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދެއެވެ.



